ސަރުކާރުގެ ވުޒާރާތަކާއި، ކައުންސިލްތަކާއި ދައުލަތުގެ އެކި ގުނަންތަކުން ވިކިޕީޑިއާގައި ވާ ފުރިހަމަ ނޫން ނިޝާނެއް އަދި އެކި ގޮތައް ހުންނަ ނިޝާންތައް ބޭނުންކޮށްފަ ހުންނަތަން ފެނުމުން އަޅުގަނޑަށް އެ ބަލައިގަންނަން ފަސޭހަކަމަކަށް ނުވިއެވެ. އެހެންކަމުން މިކަމާ އެކި ފަރާތްތަކާއި ވާހަކަ ދެއްކީމެވެ. ދިވެހި ބަހާއި ގައުމީޔަތާ ގުޅޭ ކަންކަމުގެ އިސްކޮށް ހަރަކާތްތެރިވީ އިލްމީ ބޭފުޅުންނާއި. ގައުމިއްޔަތާއި ބަހުގެ މިނިސްޓަރ އާއިވެސް މި ވާހަކަ ދެކެވުނެވެ. މިނިސްޓަރ އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރާ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ނިޝާނުގެ މައްސަލަ ފެނުމުން ގޫގުލްއިން ފެންނަންހުރި ނިޝާންތައް ބެލީމެވެ. ދައުލަތުގެ އިދާރާތަކުގަ ބޭނުންކުރާ ނިޝާން ބެލީމެވެ. އެއައްފަހު އަޅުގަނޑުވެސް ނިޝާން ކުރަހަން މަސައްކަތްކޮށް ކުރެހި ނިޝާން ތިރީގައި އެވަނީއެވެ. އަރަބި ނަން ހަދިޔާ ކުރީ އެކުވެރި ޑިޒައިނަރ ވިޝާހްއެވެ.
ތަރީގެ ހިޔަންނާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ. އަދި ލައިޓިންގެ ހަމަތަކަށް ނުފެތޭކަމަށް ބުނެއެވެ. އެހެންނަމަވެސް ހިޔަނި ކަމަށް އެ ބެލެވެނީ ރުފިޔާގެ ނިޝާން އަދި 1934 ގައި ބޭނުންކުރަން ފެށުނު ނިޝާނައް ބަލާއިރު ތަރީގެ ތުނޑުތަކުގެ ދެފަޅި ވަކި ކުރުމަށް ހެދިފައިވާ ގޮތެކެވެ. ނުވަތަ ކުލަ ތަފާތު ކޮށްފައިި އެވަނީ ޑިޒައިނ ރީތިކުރުމަށް ކަމަށް ގަބޫލުކުރެވެއެވެ. އަދި ނިޝާނަކީ 3ޑީ ކުރެހުމަކަށް ނުވާއިރު 3ޑީ ލައިޓިންގެ ހަމަތަކަށް ހިޔަނި ލާކަށް ނުޖެހެއެވެ.
ކުރިން ބޭނުންކުރި ނިޝާނެއް
ރުފިޔާގެ ނިޝާނުގެ ހަނދާއި ތަރި
ފެންނަން ހުރި ނިޝާންތަކަށް ބަލައިގެން ކުރެހުނު ނިޝާން. ރުކު ފަންތަކުގެ ފަންވަތްތައް ލެވިފައިވަނީ ކުރީގެ ނިޝާންތަކާއި ރުފިޔާގައި ޖެހި ނިޝާނުގައިވެސް އެގޮތައް ބޭނުންކުރެވިފައިވާތީއެވެ.
އަޅުގަނޑަކީ މިކަން ކުރަން އެންމެ އެކަށީގެންވާ ފަރާތައް ނުވެދާނެއެވެ. މިފަންނުތަކުގައި އަޅުގަނަޑަށްވުރެ މާ ފުންނާބު އުސް ފަރާތްތައް އުޅޭނެކަން ގަބޫލުކުރަމެވެ. ތަފާތު ހިޔާލުތައް އަންނާނެކަންވެސް ގަބޫލުކުރަމެވެ. އެހެންނަމަވެސް މިކަމުގައި އަޅުގަނޑަށް ފެންނަ އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކަށް ދިނުމަށް ގަސްތުކޮށް ނިޝާންގެ ވެކްޓާރ، އަދި ޕީއެންޖީ ފައިލް ހިއްސާކޮށްލަމެވެ.